މި ސަރުކާރުން ތައާރަފުކުރި އެއާ އެމްބިއުލާންސް ހިދުމަތް ފެށި ފަހުން، ދެ ހަފްތާގެ ތެރޭގައި، އިމަޖެންސީކޮށް 25 ދަތުރު ކޮށްފައިވާ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފިއެވެ.

މި މަހުގެ ފުރަތަމަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށިއިރު އެ ހޮދުމަތުގައި ބޭނުން ކުރަމުންދަނީ މޯލްޑިވިއަންގެ ޑޭޝް-8-200 މަރުކާގެ ބޯޓެކެވެ. މި ބޯޓުން މިހާތަނަށް 25 ދަތުރު މިއަދާ ހަމައަށް ކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނެއްގައި މިވަނީ ހާމަކޮށްފައެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ، މިހާރު ހިދުމަތް ފުޅާ ކުރުމުގެ ގޮތުން އެއަރ އެމްބިލާންސް ފްލީޓަށް މޯލްޑިވިއަންއިން ބޭނުން ކުރަމުންދާ ޑީއެޗްސީ-6 ޓްވިން އޮޓަރ ސީޕްލޭން އިތުރުކޮށްފައިވާ ކަމަށެވެ.

މިއާއެކު ހިދުމަތް އިތުރަށް ފުޅާ ކުރެވިގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މިއީ ސަލާމަތީގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ބޯޓެއް ކަމަށް މޯލްޑިވިއަނުން ފާހަގަ ކުރެއެވެ.

މޯލްޑިވިއަންގެ ސީއެމްބިއުލާންސް ހިދުމަތް ދެމުންދާ ބޯޓުތަކަކީ މިހާރު ރާއްޖޭގެ ރައްތަކަށް ދަތުރު ކުރުމުގެ ޤާބިލްކަން ލިބިފައިވާ، ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތްތައް ހަރުކުރެވިފައިވާ ބޯޓުތަކެއް ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

އެއަރ އެމްބިއުލާންސް ހިދުމަތަކީ މޯލްޑިވިއަން، މިނިސްޓްރީ އޮފް ހެލްތު، ޓްރާންސްޕޯޓް މިނިސްޓްރީ، މޯލްޑިވްސް ސިވިލް އެވިއޭޝަން، އެންސްޕާ އަދި އާސަންދަ ކުންފުނިން ގުޅިގެން ކުރިއަށް ގެންދާ ހިދުމަތެކެވެ.

މި ހިދުމަތަށް ސީޕްލޭން ބޭނުންކުރަން ފަށަން ވެސް މިހާރު ވަނީ ތައްޔާރުވެފައެވެ.