ދިވެހީންގެ ރާއްޖޭގެ އޮއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު، އަސްކަރިއްޔާގެ ތާރީހުގައި ފަނޑުވުމެއް ނުވާނެ ރަނުގެ ސަފުހާއެއް ލިޔުއްވާފައިވާ ކަމަށް އެމަނިކުފާނު ހާއްސަ އެޑްވައިޒަރު، އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ވައިގެ ބާރުގެ ހިދުމަތް މިރޭ ފެށުމާއި ގުޅިގެންނެވެ. މި ހިދުމަތް ފެށުމާއިއެކުގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު، 24 ގަޑިއިރު ބަލަހައްޓާނީ ދިވެހި ވައިގެ ސިފައިންނެވެ. މިއީ ދިވެހީންނަށް ލިބުނު އަމިއްލަ ބާރުވެރިކަމެކެވެ.

ރައީސް މުއިއްޒުއަށް ހާއްސަ ކުރެއްވި މެސެޖެއް، އެކްސްގައި ހިއްސާ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ”މަނިކުފާނު ތިޔަ ލިޔުއްވީ ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ދުވަހަކު ފަނޑުވުމެއްނެތި އަބަދަށް ވިދާނެ ރަނުގެ ސަފުހާއެއް.“ ކަމަށެވެ.

”ތިޔަ ދެއްކެވީ މަނިކުފާނުގެ ހިތްޕުޅުގައި އޮތް ގައުމީ ލޯބީގެ މަތިވެރިކަން. ގައުމާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިސްކަން. ޝުކުރިއްޔާ ދިވެހީންގެ ރައީސް ޑރ.މުއިއްޒު.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭރު ބައެއްގެ އެއްވެސް އެހީއެއް ނެތި 24 ގަޑި އިރު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

މި ވައުދުފުއްދެވުމަށްޓަކައި ތުރުކީން ޑްރޯން ގެނެސް މިއަދު ވަނީ އެކަން ބެލެހެއްޓުމަށް ދިވެހި ދިފާއީ ބާރާއި ހަވާލުކޮށްފައެވެ.

ގައުމީ ދިފާއީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީ ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ.

މި ޔޫވީތައް ހޯދުމުގެ މަސައްކަތާއެކު މިކަމަށް ބޭނުންވާ ސިފައިން ތަމްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އެގޮތުން މިކަމަށް ބޭނުންވާ ސިފައިންގެ ފުރަތަމަ ޓީމް މިހާރު ވަނީ ތަމްރީންކޮށްފައެވެ.

އަދި އިތުރު ސިފައިން މިހާރުވެސް ދަނީ ތުރުކީވިލާތުގައި ތަމްރީން ފުރިހަމަކުރަމުންނެވެ.