ގައުމީ ދިފާއީ ބާރުގެ، އެއާ ކޯ އުފައްދަވައި، އަސްކަރީ ޑްރޯން އިފްތިތާހު ކުރުމުން، ކުރީގެ ރައީސް ރައީސް މައުމޫނު އަބްދުލްގައްޔޫމް، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫނު ވިދާޅުވީ އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކުރުމުގެ ތާރީހީ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސިފައިންނަށް އިހުލާސްތެރިކަމާއެކު ތަހުނިޔާދަންނަވާ ކަމަށެވެ.
އެމްއެންޑީއެފް އެއަރ ކޯ އިފްތިތާޙުކުރުމުގެ ތާރީޚީމުނާސަބަތުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިސިފައިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާދަންނަވަން.
— Maumoon Abdul Gayoom (@maumoonagayoom) March 16, 2024
އެމްއެންޑީއެފް އެއާކޯގެ ހިދުމަތް ރޭ އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ހިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމާއި އެންމެހާ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ވެސް ކޯސްޓްގާޑާއި ގުޅިގެން ހިންގާނެއެވެ.
