ކުރިއަށް އޮތްތަނުގައި ދިވެހި ކަނޑުގެ އަޑި ދިރާސާ ކުރާނީ ދިވެހީން އަމިއްލައަށް ކަމަށާއި، އެކަމަށް ބޭނުންވާ ބަޖެޓު ވެސް ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް އެއާކޯ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހީންގެ ގައުމު މިނިވަންކަންމަތީގައި ތާއަބަދަށް ބެލެހެއްޓުމުގައި މިކުރާ މަސައްކަތް ކާމިޔާބުވާނީ، އެންމެން އެކައްޗެއް ކިޔައިގެން ކަމަށެވެ.
އަދި ދިވެހީންނަކީ އަމިއްލަ ގައުމުގެ އިން، ފުރިހަމަގޮތުގައި އަމިއްލައަށް ބަލަހައްޓާ ބައެއް ކަމުގައި ވާންޖެހޭނެކަން އެންމެން ގަބޫލުކޮށްގެން ކަމަށާއި، އެހެން ގައުމެއްގެ ބާރު މިތާ އެތެރޭގައި ހިންގުމުގެ ފުރުސަތު ނުދޭ ބަޔަކަށް ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މީގެކުރިން ދިވެހީންގެ ކަނޑުގެ އަޑި ދިރާސާ ކުރަންވެސް އެހެން ފަރާތްތަކުގެ އެހީ ހޯދަން ޖެހިފައި އޮތް ކަމަށެވެ. އެހެންނަމަވެސް، އެކަންވެސް ދެން ކުރިއަށް ގެންދާނީ، އަސްކަރިއްޔާގެ ފަރާތުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އެކަމަށްޓަކައި ބޭނުންވާ މާލީ ތަނަވަސްކަން، މާލީ ކަންކަން، ބަޖެޓުގެ ކަންކަން މިހާރުވާނީ އެމްއެންޑީއެފް އަށް ހަމަޖައްސައިދީފައި. މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ހައިޑްރޮގްރަފީގެ މަސައްކަތްވެސް އެމްއެންޑީއެފްގައި، އެ ކެޕޭސިޓީ ގާއިމުކުރެވިގެން އަޅުގަނޑުމެން އަމިއްލައަށް ކުރަން ފަށާނީ.“ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކަނޑުމަގުގައި މިހާރު މި ބޭނުންކުރާ ކޯސްޓްގާޑުގެ އުޅަނދުތަކުގެ ހާލަތުވެސް ހުރީ ވަރަށް ދަށްކޮށް ކަމަށް ވިދާޅުވިއެވެ.
”ހަމައެކަނި އިމާރާތްތަކެއް ނޫން މަރާމާތުކުރަން ޖެހިފައި ހުރީކީއެއް. އާދައިގެ މެދު ސައިޒުގެ މިހުރި ވެސަލްތަކަކީ، ގާތްގަނޑަކަށް ހަތަރު ފަސް އުޅަނދެއް. ކުދި އުޅަނދުތައް، ދިހަވަރަކަށް، ބާރަވަރަކަށް އުޅަނދު އޮތް ނަމަވެސް، ބައެއް ތަކެތި ބޭނުންވެސް ނުކުރެވޭ ޙާލަތުގައި ހުރީ. މިއީ ހިތާމަހުރި ކަމެއް. އެތައް އަހަރެއް މިދިޔައީ މިކަންކަމަށް ސަމާލުކަން ނުދެވި. އެހެން ނަމަވެސް، މިއީ، ދިވެހި ޢަސްކަރިއްޔާ. މިއީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ބަލައިގަންނަންޖެހޭނެ، ދިވެހިންނަށް ޙައްޤު މިންވަރެއް ނޫން.“
މިކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ މި ފަސް އަހަރު ނިމޭއިރު، މިހާރުގެ ކޯސްޓްގާޑުގެ ކެޕޭސިޓީ، ދެގުނަޔަށް ބޮޑުކުރާނެކަން އިއުލާނު ކުރައްވާފައެވެ.
ކޯސްޓްގާޑަށް އެކި ސައިޒްގެ އުޅަނދުތައް ހޯދައިދެއްވާނެ ކަމަށާއި، މިހާރުވެސް އެ މަސައްކަތް ކުރިއަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކަނޑުގެ އަޑި ދިރާސާ ކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ހަވާލުކޮށްފައި އޮތީ އިންޑިއާއަށެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރަފީ ސާރވޭ އެއްބަސްވުން، ރައީސް މުއިއްޒުގެ ސަރުކާރަށް މަސް ދުވަސް ވެސް ނުވަނީީސް ނިމުމަކަށް ގެންނެވިއެވެ.