ބޭރަށް ހިންގުމާއި ރޯގާއާއި ޗިކަންޕޮކްސް އާއި ވައިރަލް ހުން މިދިޔަ ހަފްތާގައި އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ، ފާތިމަތު އަނާ، ރާއްޖެ ޓީވީ އިން ގެނެސްދޭ ”ފަލަ ސުރުހީ“ ޝޯގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މިދިޔަ ހަފްތާގައި ގައިން ގަޔަށް އަރާ ރޯގާ ފަދަ ބަލިތައް، އޭގެ ކުރީ ހަފްތާއާއި އަޅާ ބަލާއިރު އިތުރު ކަމަށެވެ.
މިދުވަސްވަރު ރޯގާ އިތުރުވަނީ، ރަމަޟާން މަހާ ދިމާކޮށް، ގެއިން ބޭރުން ކެއުން އިތުރުވުމުން ކަމަށާއި، ގޭގެއިން ކެއުމާއި ރެސްޓޯރަންޓްތަކުން ރޯދަ ވީއްލުން އިތުރުވެ، ބަލިތައް ފެތުރުމަށް މަގުފަހިވާ ކަމަށް އަނާ ވިދާޅުވިއެވެ.
އަނާ ވިދާޅުވީ، މިފަދަ ހާލަތެއްގައި ބަލިތައް އިތުރަށް ފެތުރިގެންދިޔަ ނުދިނުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އެގޮތުން ރޯގާ ފަދަ ބައްޔެއްގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކޮށްލުމަށް އޭނާ އިރުޝާދު ދެއްވިއެވެ.
”އަދި ގިނަ ގިނައިން އަތްދޮވުން، މާސްކު އަޅައިގެން އުޅުން، މިކަންތައްތަކަކީ އަޅުގަނޑުމެންނަށް ދަސްވެފައި ހުރި ރަނގަޅު އާދަތަކެއް. މިކަންތައްތަކުގައި ހިފައިގެން، މި ފިޔަވަޅުތައް އެޅިއްޖެއްޔާމު، އިތުރަށް ރޯގާ ފެތުރުނަ ނުދީ، އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރެވިގެންދާނެ.“ އޭނާ ވިދާޅުވިއެވެ.
އަނާ އިތުރަށް ވިދާޅުވީ ބަލި މީހާގެ ގޭގައި ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުން އުޅޭނަމަ، އެ މީހުންނާއި ދުރުގައި ހުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގޭތެރޭގައި މާސްކު އަޅައިގެން އުޅެވިދާނެ ކަމަށް ވެސް އަނާ ވިދާޅުވިއެވެ. އަދި ބޭރަށް ހިންގާނަމަ، ފާހާނާ ކުރުމަށްފަހު، ރަނގަޅަށް އަތް ދޮވެ، ސެނިޓައިޒް ކުރުމަށް ވެސް އޭނާ އިރުޝާދު ދެއްވިއެވެ.
ި