މާލޭގެ މަގުމަތީގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ މާލެ ސިޓީ ކައުންސިލަށް ފޮނުވުމަށް އެ ކައުންސިލުން އެދިއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މިހެން ބުނީ އެކްސް ގައި ކުރި ޕޯސްޓެއްގައެވެ. އެގޮތުން ސިޓީ ކައުންސިލުން ބުނީ، މާލޭ މަގުމަތީގައި ކުނި ބަހައްޓަމުންދާ ފަރާތްތައް ފާހަގަ ކުރެވެމުންދާ ކަމަށެވެ.
މިގޮތަށް ރައްޔިތުންނަށް އުނދަގޫ ވާގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ކައުންސިލަށް ފޮނުވައިދިނުމަށް އެދޭ ކަމަށެވެ. ފޮޓޯއާއި ވީޑިއޯ ފޮނުވަންވީ ސިޓީ ކައުންސިލުގެ ސޯޝަލް މީޑިއާ އެކައުންޓުތަކަށެވެ.
މާލެ ސަރަހައްދު ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގައި އިއްޔެ އެކަނި ވެސް ޖުމުލަ 22.3 ޓަނުގެ ކުނި ވަނީ ނަގާފައެވެ.
ކުނި އަޅާ ބަޔަކު ދެނެގަނެވިފައިވާ ނަމަ އެމީހަކު ނުވަތަ އެ ބަޔަކު އެޅި ކުނި އެމީހުން ލައްވާ ނަގުވައި މަގު ސާފު ކުރުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކައުންސިލުން އަންނަނީ ކުރަމުންނެވެ.