އިންތިހާބުތަކުގެ ކެމްޕެއިނަށް ހުޅުމާލޭގެ އެއްވެސް ތަނެއްގައި ބެނާ އާއި ކެންވަސް ބަހައްޓާނަމަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ހޯދުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.
ކެމްޕެއިން މެޓީރިއަލް ހަރުކުރުމަށް ހުއްދަ ދިނުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގެ ޗާޓެއް ހިއްސާކޮށް އެޗްޑީސީއިން މިރޭ ބުނީ ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކާ ގުޅިގެން ކެމްޕެއިން ބެނާއާއި ކެންވަސް ފަދަ މެޓީރިއަލް ހަރުކުރުމުގެ ފުރުސަތު ހުރިހައި ފަރާތްތަކަށް ވެސް ހަމަހަމަ ކަމާއެކު ހޯދައިދިނުމަށް އެޗްޑީސީން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
އެގޮތުން އަންނަ މަހު ބާއްވާ ރައްޔިތުން މަޖިލިސް އިންތިހާބާއި ގުޅިގެން ކެމްޕެއިން ކުރުމަށް ހުޅުމާލެ ފޭސް އެކެއްގައި އަދި ފޭސްދެއެއްގެ އެކި އެކި ތަންތަނުގައި ބެނާ އާއި ކެންވަސް ފަދަ ތަކެތި ހަރުކުރާއިރު އެ ސަރަހައްދުތަކުގައި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސާވިސް ޕްރޮވައިޑާ އިން އަޅާފައިވާ ނެޓްވޯކްތަކަށް ގެއްލުން ނުވާނެހެން މަސައްކަތް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރެވޭ ސަރަހައްދުގެ ގޮތުން ކަރަންޓު ކޭބަލާއި ފެނާއި ނަރުދަމާގެ ނިޒާމަށް ގެއްލުމެއް ލިބި ހިދުމަތް މެދުކެނޑެކޭފަދަ ހާލަތެއް ދިމާވެއްޖެނަމަ ރައްޔިތުންނަށް މީގެ ސަބަބުން ގިނަ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހިދާނެތީ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެހެންކަމުން ކެންވަސްތަކާއި ބެނާތައް ހަރުކުރާ ފަރާތްތަކުން އެ ކަމަށް ސަމާލުވެ ކެމްޕެއިން މެޓީރިއަލް ހަރުކުރުމުގެ ކުރިން އެޗްޑީސީގެ ހުއްދަ ހޯދައި އެ ކޯޕަރޭޝަންގެ ލަފައާއި އިރުޝާދާ އެކު ކުރިއަށް ގެންދިއުމަށް އެޗްޑީސީން އިލްތިމާސް ކުރެއެވެ.