މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި، ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު މާފަންނު ހުޅަނގުގައި ”ދޮރުން ދޮރަށް“ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަންނު ހުޅަނގުގެ ދޮރުން ދޮރަށް ކެމްޕޭން ރައީސް ޑރ.މުއިއްޒު ފައްޓަވާނީ، މިއަދު މެންދުރު 13:45 ގައި އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން، ކަނބާއައިސާ ރަނިކަ ހިނގުމުން ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި ގަލޮޅު ދެކުނު ދާއިރާގެ ގެތަކަށް ވެސް ދޮރުން ދޮރަށް ހިންގަވާފައެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބަށް ޕީއެންސީގެ ޓިކެޓް ގައި 89 ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޯދަ މަސް ނިމުމާއިއެކު، ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކުރާނެއެވެ. އެގޮތުން ރައީސް މުއިއްޒު ރަށްރަށަށް ދަތުރުފުޅު ކުރައްވަން ފައްޓަވާނެއެވެ.