މި ދުވަސްވަރަކީ ވަރަށް ހޫނު ދުވަސްވަރަށް ވުމުން، ކަރަންޓު އިގްތިސާދު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު، ހުސެއިން ފަހުމީ އިލްތިމާސް ކުރައްވައިފިއެވެ.

Ads by Asuru

ސްޓެލްކޯގެ އެމްޑީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދުވަސްވަރަކީ މި އަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީއާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

”މި ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ދަނީ ކަރަންޓު ބޭނުން ކުރަމުން. އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިގުތިސާދު ކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން.“ ފަހުމީ ވިދާޅުވިއެވެ.

އެމްޑީ މިފަދައިން އިލްތިމާސް ކުރެއްވިއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ މި ދުވަސްވަރު އިހުސާސް ކުރެވޭ ހޫނުމިން 42 ޑިގްރީ ސެލްސިއަސް އަށްވެސް އަރާފައިވާކަން ފާހަގަކޮށްފައެވެ.

މިގޮތަށް ދިމާވަނީ ވިލާ މަދުވެ ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުންނެވެ. އެހެންވެ، ވައިގެ ހޫނުމިނަށް ވުރެ، އިހުސާސް ކުރެވޭ ހޫނުމިން މަތިވެއެވެ.