ދިވެހިރާއްޖެއާއި ތުރުކީއާއި ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެ ގައުމުގެ ދެމެދު ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ރާއްޖެއާއި ތުރުކީއިން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ ފްރީ ޓްރޭޑު ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތެވެ.

އެގޮތުން މިކަމާގުޅޭ މަޝްވަރާތައް ކުރުމަށްޓަކާ ކަމާބެހޭ ފަރާތްތައް ހިމެނޭހެން ދެ ގައުމުގެ ދެމެދު ކުރިއަށްދިޔަ ފުރަތަމަ ރައުންޑް ޓޭބަލް ބައްދަލުވުން އިއްޔެ ވަނީ ބާއްވާފައެވެ.

ރައީސް މުއިއްޒު ތުރުކީއަށް ދަތުރުފުޅު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގައެވެ. އެމަނިކުފާނު ވިދާޅުވީ، އެ ދަތުރުފުޅުގެ ސަބަބުން، ރާއްޖެ އާއި ތުރުކީގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދާނެ ކަމަށެވެ.

ރައީސް ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއެކު މުހިއްމު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ.

އަދި ތުރުކީގައި ދިރިއުޅެމުން ގެންދާ ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ތުރުކީގައި ދިވެހި ރާއްޖޭގެ އެންބަސީއެއް ހުޅުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.