ރ. އަލިފުށި، ސ. ހުޅުދޫ އަދި ހުޅުމާލެ ފޭސް ދޭއްގައި ހިލޭ މިސްކިތް އެޅުމަށް އަމިއްލަ ތިން ފަރާތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެެވެ.
ރ. އަލިފުށީގައި އިމާރާތް ކުރަން ހަމަޖެހިފައި ވަނީ 570 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ މަޝްރޫއުގެ އެއްބަސްވުމުގައި އަބްދުއްރަހުމާން މޫސާއާއެކު ސޮއިކޮށްފައި ވަނީ މިސްކިތުގެ މަސައްކަތް 732 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ސ. ހުޅުދޫގައި މިސްކިތް ބިނާ ކުރަނީ މުހައްމަދު ސޯލިހު އެވެ. ހުޅުދޫގައި ބިނާ ކުރާ މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. މީގެއިތުރުން ހުޅުމާލެ ފޭސް 2ގައި މިސްކިތް ބިނާ ކުރަނީ މުހައްމަދު ޔޫސުފްއެވެ.
މި އެއްބަސްވުންތަކުގައި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އަމިއްލަ ހަރަދުގައި މިސްކިތް ބިނާ ކުރަން ބޭނުންވާ 3 ފަރާތަކާއެކު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. އެއީ ހުޅުމާލޭގައި ދެ މިސްކިތެއް އެޅުމުގެ އިތުރުން މާލެ ސިޓީގެ ޒިކުރާ މިސްކިތް ތިން ފަންގިފިލާއަށް ނެގުމަށެވެ.
