ކުރީ ސަރުކާރުން ”ބިންވެރިޔާ“ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް ހުރި ތަން ނޫސްވެރިންނަށް ދައްކާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން މީޑިއާތަކަށް ހާއްސަކޮށް އިއްޔެ ބޭއްވި ޓުއަރގައި ގޯތި ދޫކުރި ތިން ސައިޓެއް ނޫސްވެރިންނަށް ދައްކާލިއެވެ.
އެޗްޑީސީގެ ޕްބަލިކް ރިލޭޝަންސް، އެސިސްޓަންޓް މެނޭޖަރު މުހައްމަދު ސިރާޖު ވިދާޅުވީ، ގޯތިތައް ދޫކޮށްފައިވާ ސަރަހައްދުތައް ދޫކުރުމުގައި ހުރި ހުރަސްތައް ނައްތާލައި، ވަރަށް އަވަހަށް އެތަންތަން ހައްގުވެރިންނަށް ދޫކުރާނެ ކަމަށެވެ.

ގޯތި ދޫކޮށްފައި ހުރި ސަރަހައްދުތަކަށް ބަލާއިރު، އެޗްޑީސީން ކުރިން ވެސް ފާހަގަކޮށްލާފައިވާ ގޮތަށް މަގުތަކަށާއި، ނެޓްވޯކުތަކަށް އަރާ ގޮތަށް ދޫކޮށްފައި ހުރި ގޯތިތައް ހިމެނެއެވެ. އަދި ބައެއް ގޯތިތައް ދޫކުރި ސަރަހައްދުތަކުގައި ފުނިތައް ވެސް ހުރިއިރު، އެ ތަންތަން ސާފު ކުރުމުގެ މަސައްކަތް އޭރު ވެސް ދަނީ ކުރަމުންނެވެ.

އެޗްޑީސީން ދޭ ޔަގީންކަމަކީ ގޯތި ލިބުނު އެންމެންނަށް ވެސް، ގޯތި ލިބިގެންދާނެކަމުގެ ޔަގީންކަމެވެ. ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި 9001 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެތެރެއިން 1351 ގޯތި ދޫކުރަނީ ހުޅުމާލެއިންނެވެ. މިހާތަނަށް ބިން ކަނޑާ ދީފައިވާ ފަރާތްތަކުން ދަނީ ބިމުގެ އިންފާރުވެސް ރާނަމުންނެވެ.
