ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުން ދޫވެގެންދާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ކުޑަކުދިީންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މައާފު ދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށާއި، މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި ދަނީ ދަންނަވަމުން ކަމަށެވެ.
”މި ދިވެހި މުޖުތަމައަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަމާތޯ!“ އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން. މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ…
— Dr Mohamed Muizzu (@MMuizzu) March 23, 2024
ރައީސް މިހެން ވިދާޅުވީއިރު، ތ.ވޭމަންޑޫގައި 13 އަހަރުގެ ކާފަ ދަރިފުޅާ ބެހުނު ކަމަށް ބުނާ މައްސަލާގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހައްޔަރުކުރި، 69 އަހަރުގެ ކާފަ ޝަރުތުތަކަކާ އެކު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދޫކޮށްލައިފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑަށް އިތުރެވެ.
މިގޮތުން، އާއިލީ މެމްބަރުންގެ ފަރާތުން، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިން ގިނަކަން ފާހަގަކުރެވެއެވެ.
މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންނަށް ލުއި ދިނުމާއި މައާފު ދިނުމަކީ ގިނަ ރައްޔިތުން ކަންބޮޑުވާ މައްސަލައެކެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ލިސްޓު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެހީތެރިކަމާއެކު ޑިޖިޓަލައިޒްކޮށް މިހާރު ވަނީ އިފްތިތާހްކޮށްފައެވެ.