43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އަރުވައިފައިނުވާ ބޭފުޅުންގެ ރެކޯޑު، ރައީސް އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިގޮތަށް ނިންމެވިއިރު، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންނަށް މިދިޔަ އަހަރު ވަނީ އިނާމު އަރުވާފައެވެ.
ރައީސް ނިންމަވައިފައިވަނީ، ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި، ވަޒީފާގައި ދެމިތިއްބެވި ބޭފުޅުންގެ ކުށާއި ދަރަނީގެ ރެކޯޑާއި، އަދާކުރެއްވި ވަޒީފާތަކާއި، ވަޒީފާ އަދާކުރެއްވި ގޮތުގެ ތަފްސީލު މަޢުލޫމާތު، އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައިގެން، އެ ކޮމިޓީން ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހުގައި، އެ ބޭފުޅުންނަށް އިނާމު އެރުވުމަށެވެ.
މިގޮތަށް މި ހަމަޖެއްސެވީ، ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައި، ވަޒީފާއިން ވަކިވެވަޑައިގެންފައިވާ ގިނަ ބޭފުޅުންނަށް، އެ ބޭފުޅުންގެ އަމިއްލަފުޅު ރެކޯޑުތައް ހޯއްދެވުމުގައި ދަތިތަކެއް ކުރިމަތިވުމާއި އޭރު އެ ބޭފުޅުން ހިދުމަތް ކުރެއްވި ބައެއް މުއައްސަސާތައް އުވާލައްވައިފައި ވުމާއެކު، މައުލޫމާތު އެއްކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާތީ، އެކަމަށް ޙައްލެއް ގެނެސްދެއްވުމަށްޓަކައެވެ.
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ މައުލޫމާތު، ރައީސް އޮފީހުން ގައުމީ އިނާމާބެހޭ ކޮމިޓީން ފޮނުއްވުމަށް ނިންމެވުމާ ގުޅިގެން، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމަށް މިހާރު ހުޅުއްވައިލައްވައިފައިވާ ފުރުސަތުގައި، އެ ބޭފުޅުން އިނާމަށް ނަން ހުށަހަޅުއްވަން ޖެހިވަޑައެއްނުގަންނަވާނެއެވެ.
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުން ގިނަކަމާއެކު، އެ ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންނަށް އިނާމު އެރުވުމަށް މި އަހަރު ނިންމެވިނަމަވެސް، 40 އަހަރާއި 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ރެކޯޑާއި މައުލޫމާތު ވެސް ރައީސް އޮފީހުން ހޯއްދެވުމަށްފަހު، ކުރިއަށް އޮތް އަހަރުތަކުގައި، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވާ ގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ދެއްވުމަށް ހަމަޖައްސަވައިފައި ވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މީހެއްގެ ދަރަންޏެއް އޮތުމަކީ އެމީހަކު ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުން މަޙުރޫމްކުރަން ޖެހޭނެ ސަބަބެއް ކަމަކަށް ގަބޫލެއް ނުކުރެވޭ. ދަރަންޏަށްް ނެގި އެއްޗެއް، އެމީހެއްގެ މާލީ ޙާލަތު ހުރިގޮތުން ނުދެއްކި އޮތުމަކީ ދިމާވެދާނެ ކަމެއް.