ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެކުވެރި އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ މޮޑެލްތަކާއި ލިބިގަނެވޭނެ ހިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އައިޝަތު ޝިހާމް މިހެން ވިދާޅުވީ، އޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ދިނުމަށް ރައީސް ނިންމަވާފައިވާއިރ،ު އެ ތަންތަނުން އާސަންދަ ލިބޭނީ ކޮން ހިދުމަތްތަކެއްތޯ އާއި އިންޑިއާ އިން މިހާރު ލިބޭ ހިދުމަތްތައް އެއަށްވުރެ އަގުބޮޑުކޮށް ހޯދުމަށް ތައިލެންޑް އާއި ޔޫއޭއަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވޭތޯ އާއި މިހާރު އޮތް ބަޖެޓުން އެކަން ހަމަޖައްސާނަމަ ހިދުމަތް ދެވޭ މީހުންގެ އަދަދު އޮޅުން ފިލުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އާސަންދައަށް މިހާރަށް ބަޖެޓް ކޮށްފައިވާ އަދަދުގެ ތެރެއިން ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނެ ގޮތް މެނޭޖުކުރެވޭނެ ގޮތަކަށް އެކަމާބެހޭ ސިޔާސަތު އެކުލަވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި ބަދަލާއެކުވެސް އާސަންދައިގެ ހިދުމަތް ލިބޭ މީހުންގެ އަދަދަކަށް އުނިކަމެއް ނާންނާނެ ކަމަށާއި، ހިދުމަތް ދޭނެ މޮޑެލްތަކާއި ކަވަރުކުރާނެ ހިދުމަތްތަކާއި ހަރަދު ހަމަޖައްސާނެ ގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މި ކަންކަން ނިމުމުން މިކަމުގެ ތަފުސީލުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރެވި އިއުލާން ކުރެވިގެންދާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
އާސަންދަ ނިޒާމު މިހާރު ހިނގަމުން އަންނަ ގޮތުން ވަރަށް ބޮޑެތި އިސްރާފުތަކެއް ހުރިކަން ފާހަގަކުރައްވައި، މިނިސްޓަރު ދެއްކެވި ވާހަކައިގައި 2023 ވަނަ އަހަރު މުޅި އާސަންދަ ސްކީމަށް އެއް ބިލިއަން ރުފިޔާ ބަޖެޓް ކުރިއިރު، އެ އަހަރު ނިމިގެންދިޔައިރު 2.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އަދި އޭގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވަނީ ބޭހަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބޯ ގޮވައިގެން އުޅޭ ސަރުކާރެއް