ފަސް ވަގުތު ނަމާދަށް އަރަން ރައްޔިތުންނަށް ގޮވާލާތީ، މަލާމާތް ކުރާ ކަމަށާއި، މަލާމާތް ކުރިޔަސް އެއީ ފަހުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ރައީީސް ވިދާޅުވީ، އަހަރުމެންގެ ދީން ކަމުގައިވާ، އިސްލާމްދީނުގެ ވާހަކަ އަހަރުމެން ދައްކަން ޖެހޭނީ ފަހުރުވެރިކަމާއިއެކުގައި ކަމަށެވެ. އަދި އެމަނިކުފާނު، ނަމާދަށް ފަރުވާތެރިވުމަށް ނަސޭހަތްތެރިވާތީ، އިދިކޮޅު ފަރާާތްތަކުން އެކަމަށް ފާޑު ކިޔުން އަމާޒު ކުރިއަސް، އެއީ ފަހުރެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑު ފަހުރުވެރިވޭ މި ވާހަކަ ދައްކަން. ދިވެއްސަކަށް ވީތީ، ފަހުރުވެރިވޭ، މި ވާހަކަ ދައްކަން.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އަކީ ރާއްޖޭގެ ވެރިކަމަށް ނުކުންނެވުމުގެ މާ ކުރިން ވެސް ދީނީ ކަންކަމަށް ސަމާލުކަން ދެއްވި ވެރިއެކެވެ. އެމަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެއްވުމުގައި އެންމެ ބުރަކޮށް އުޅުއްވަމުން ވެސް މިސްކިތަށް ވަޑައިގެން، ޖަމާއަތުގައި ނަމާދު ކުރައްވައިފައެވެ.
