ިއިންތިހާބު ކައިރިވުމުން، ނުހިއްކާ ފަޅުތަކުން ގޯތި ދީފައި، ގޯތި ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯލިހު މިގޮތަށް ވިދާޅުވީ ރޭ އެމްޑީޕީގެ މަޖިލިސް ކެމްޕެއިނުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު ”ހެންވޭރު ތަރާވީސް“ގައި ވާހަކަ ދައްކަވަމުންނެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ނުދޭތާ އެތައް ޒަމާންތަކެއް ވެފައިވާ ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ވެރިކަމުގައި އެކަމަށް ހައްލެއް ހޯދުމަށްޓަކާ ބުރަ މަސައްކަތްތަކެއް ކުރިން.“ ސޯލިހު ވިދާޅުވިއެވެ.

ސޯލިހު އިތުރަށް ވިދާޅުވީ، މި މަސައްކަތުގެ ދަށުން ގުޅީފަޅުން 190 ހެކްޓަރުގެ ބިން ހިއްކަން ނިންމައި، ގިރާވަރުފަޅުން 160 އަށްވުރެ ބޮޑު ފަޅެއް ހިއްކުމަށް ވެސް ނިންމާފައިވާނެ ކަމަށެވެ.

”ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 60 ހެކްޓަރަށްވުރެ ބޮޑު ބިމެއް ހިއްކަން ނިންމި‏.“

ގޯތި ދޭން ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ސޯލިހު ވިދާޅުވީއިރު، ގޯތިތައް ދޫކުރުމަށް ހިއްކަން ޖެހޭ ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ.

އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި، މަގުތަކާއި ނެޓްވޯކްތަކަށް ވާގޮތަށް ދީފައިވާ ގޯތިތަކުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

ކުރީ ސަރުކާރުން ނިންމާފައިވާ ވަރަށް ވުރެ އިތުރަށް ގުޅީފަޅުން  ބިން ހިއްކަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ގުޅީފަޅުން އިތުރަށް ގާތްގަނޑަކަށް 80 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.