ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ހެޔޮ އަސަރު ފެންނަމުން އަންނަކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

Ads by Asuru

ދައުލަތުގެ ކޭޝްފްލޯއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލާ، ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރުމުގެ ހެޔޮ އަސަރުތައް ރާއްޖޭގެ އިގްތިސާދުން ފެންނަމުން އަންނަ ކަމަށެވެ.

އިމާދު ވިދާޅުވީ މި ސަރުކާރަށް ކުރިމަތިވެފައިވާ އިގްރިސާދީ ގޮންޖެހުންތަކުގެ ތެރެއިންވެސް އިގްތިސާދު ކުރިއަރާ ވަރު %5.4 ގައި ހުރި އިރު، އަންދާޒާ ކުރި ވަރަށް ވުރެ ފުތަތަމަ ތިން މަހުގެ އާމްދަނީވެސް އިތުރުކަމަށެވެ. އެގޮތުން އާމްދަނީ ހިލޭ އެހީގެ ގޮތުގައި އޮތީ 33.5 ބިލިއަން ރުފިޔާކަމަށާއި މި މަހުގެ 14 ގެ ނިޔަލަށް 7.2 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ އާ ސަރުކާރަށް މިވީ ގާތްގަނޑަކަށް ހަތަރު ވަރަކަށް މަސް ތެރޭގައި ރިކަރަންޓް ހަރަދުވެސް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ. އެގޮތުން ރިކަރަންޓް އެކްސްޕެންޑިޗާއާއި ކެޕިޓަލް ހަރަދުތައް މި މަހުގެ މިހާތަނަށް ކުޑަކަމަށް ހިސާބުތައް ދައްކާއިރު، ކެޕިޓަލް އެކްސްޕެންޑިޗަރ މިދިޔަ އަހަރު ހުރީ 3.2 ބިލިއަނުގައި ކަމަށް އިމާދު ވިދާޅުވިއެވެ. ނަމަވެސް މިހާރު ހުރީ 1.5 ބިލިއަން ރުފިޔާގައި ކަމަށް އިމާދު ވިދާޅުވިއެވެ.

ދައުލަތުގެ ކޭޝްފްލޯއާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބައްދަލުކުރުން. ފޮޓޯ: މަޖިލިސް

މީގެ އިތުރުން ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި ޑޮމެސްޓިކް މާކެޓުން ދަރަނި ނަގާ ނިސްބަތްވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އިމާދު ވިދާޅުވިއެވެ. އިމާދު ވިދާޅުވީ ފާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެތެރޭގައި ވިއްކި ބޮންޑާއި ޓީބިލްގެ އަދަދު އުޅެނީ 175 މިލިއަނެއްހާ ރުފިޔާގައި ކަމަށެވެ.

އެމްއެމްއޭގެ މިންގަނޑާއި އެއްގޮތަށް ފާއިތުވި ތިން މަހު ގްރޮސް ރިޒާވްގައި ގާތްގަނޑަކަށް 580 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އަހަރު ނިމޭއިރު ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގައި އެ އަދަދު ހިފެހެއްޓޭނެ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަކުރުމަށް މި ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ.