ތުއްތު ކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ހާއްސަކޮށް ރަމަޟާންމަހުގައި ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސްގެ އަނބިކަނބަލުން މިހެން ވިދާޅުވީ މަރްހޫމް އިބްތިޙާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)ގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތް 1445ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަކަމަނާ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިޔަށްގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

އަދި މިފަދަ ކަންކަމަކީ ތުއްތު ކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިންމުކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި މި މުބާރާތުން 1ވަނަ 2ވަނަ އަދި 3ވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

ޖުމްލަ 53 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.

އަދި މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން އަދި ހާއްސަ ކެޓަގަރީއެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފުރުސަތު ހުޅުވާލައިގެންނެވެ.