ކުރީ ސަރުކާރު ނިމުނުއިރު، ރާއްޖެ 120 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ޕީއެސްއެމްއަށް އިއްޔެ ދެއްވި ބަސްދީގަތުމުގައެވެ. ވެރިކަން ލިބިވަޑައިގެންނެވިއިރު، ރާއްޖޭގެ އިގްތިސާދު ވަނީ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރޭގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
”120 ބިލިއަން ރުފިޔާގެ ދަރަނި ދެއްތޯ، އަޅުގަނޑުމެން މި ހަމަޖައްސަން ޖެހުނީ. ދެން އޭގެ އިތުރަށް ވެސް ފައިސާ ޗާޕު ކުރުމުގެ ސަބަބުން ޑޮލަރުގެ އަޑު އިންތިހާއަށް ބޮޑުވެ، 20 ރުފިޔާއަށް ވެސް އެރިކަންނޭނގެ.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިގުތިސާދު ހީނަރުވެ، ކުދި ވިޔަފާރިތައް ވެސް ހުއްޓުމަކަށް ދިޔަ ކަމަށާއި، ސަރުކާރުގެ ކުންފުނިތައް ވެސް ގާތްގަނޑަކަށް ބަނގުރޫޓުވެފައިވާ ކަމަށެވެ. އަދި އެންމެ ފައިދާ ލިބެމުންދިޔަ ކުންފުނިތަކަށް ކުޑަ ފައިދާއެއް ލިބެމުންދިޔަ ކަން ެައެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕު ކުރަމުންދިޔަ ދިޔުން، ރައީސް މުއިއްޒުގެ ވެރިކަމާ ހަވާލުވެވަޑައިގެން ހުއްޓަވާލެއްވިއެވެ.
ސަރުކާރުން ފައިސާ ޗާޕު ކުރުން ހުއްޓާލުމަށްފަހު ސަރުކާރުގެ ހަރަދުތައް ކުޑަ ކުރާތަން ފެންނަމުންދާ ކަމަށް މަރުކަޒީ ބޭންކް އިން ވަނީ ބުނެފައެވެ.
މާލިއްޔަތު ކޮމެޓީގައި ވާހަކަދައްވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕުނުކޮށް ކުރިއަށް ގެންދާކަން ފާހަގަކުރެވޭ ކަމަށެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އެތަށް މަސައްކަތެއް ކުރަމުން އަންނަ ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން ފައިސާ ޗާޕު ކުރުން ހުއްޓާލުމަކީ އާންމުން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރާ ކަމެކެވެ.
ާ
