ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ މަސައްކަތް ކުރިން ހިނގަމުން ދިޔަ ސްޕީޑަށްވުރެ އަވަސްކުރެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވީއައިއޭ ތަރައްގީ ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވާ، ޕަބްލިކް ސާވިސް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިހާބުވެވަޑައިގެންނެވިއިރު އެ މަސައްކަތް ހިނގަމުން ދިޔައީ ވަރަށް ލަސްކޮށް ކަމަށެވެ.

ވީއައިއޭ ތަރައްގީ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ޓްރާންސިޝަން މަރުހަލާގައި، މަޝްރޫއެއް ހިންގާ ފަރާތަކާ ބައްދަލު ކުރެއްވީ ހަމައެކަނި އެ މަޝްރޫއު ހިންގާ ފަރާތާ ކަމަށެވެ.

އަދި އެ ޓްރާންސިޝަން މުއްދަތުގެ ތެރޭގައި ވީއައިއޭއަށް ވަޑައިގެން އަމިއްލަފުޅަށް އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވިކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރު މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ލަސް ސްޕީޑެއްގައި ކަމަށެވެ. އަދި ގިނަ މައްސަލަތައް ހުރި ކަމަށާއި މަޝްރޫއު ތާވަލާ އެއްގޮތަށް ދާންވާ ޓާގެޓަށް ނުދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު ވަރަށް ބޮޑު ތަން ތާވަލާ އަރާ ހަމަ ކުރެވިފައިވާ ކަމަށާއި މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އަދި އުއްމީދަކީ މި އަހަރު ނިމެންވާއިރަށް އާ ޓާމިނަލްގެ މަސައްކަތް ނިންމާ، އެއާޕޯޓް އޮޕަރޭޝަނަށް ގެނެވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫއުގެ މުހިއްމު މަސައްކަތެކެވެ.