ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް، މަރުވެފައިވަނީ ރ. މަޑުއްވަރީ، ވިންޑްމާގޭ، އަހުމަދު އިޖާޒުއެވެ. މަރުވީއިރު އޭނާގެ އުމުރުން 44 އަހަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާ މަރުވީ ރޭ 10:30 ހާއިރުއެވެ.

ކަރެކްޝަންސް އިން ރޭ ބުނީ މާޗް މަހުގެ އަށްވަނަ ދުވަހު ނޭވާލާން އުނދަގޫވެގެން އިޖާޒު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން، އޭނާ އީއާރުގައި އެޑްމިޓްކުރި ކަމަށެވެ.

އޭނާ އަކީ ޓީބީ ބަލި ހުރި މީހަކަށްވެފައި، ބަލީގެ ހާލަތު ދެރަކަމުން އޭނާ މާޗް މަހުގެ ނުވަވަނަ ދުވަހު އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފެށި ކަމަށާއި ހާލަތު ގޯސްވެ، ފަހުން ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އިޖާޒަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި، ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރުމަށް މާޗް މަހުގެ ހަތްވަނަ ދުވަހު ހުޅުމާލޭ ޖަލަށް ގެންދެވުނު މީހެކެވެ.