އުރީދޫ އެމްފައިސާ މެދުވެރިކޮށް ދުނިޔޭގެ ކޮންމެހިސާބަކަށް ވެސް ފައިސާ ފޮނުވުމުގެ ހިދުމަތް ފަށައިފިއެވެ.

Ads by Asuru

މިއީ އެ ކުންފުންޏާއި މަނީގްރާމް އިންޓަރނޭޝަނަލް ގެ ޕާޓްނަރޝިޕާއެކު ފެށި ހިދުމަތެކެވެ.

މަނީގްރާމް އިންޓަރނޭޝަނަލް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފައިސާ ފޮނުވައިދީ ގުޅުވައިދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ.

މި ޕާޓްނަރޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު މިވަނީ ފަހިވެފައެވެ.

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ދުނިޔޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންގެ ބޭންކު އެކައުންޓް، މޮބައިލް ވޮލެޓު ނުވަތަ މަނީގްރާމްގެ އޭޖަންޓެއް މެދުވެރިކޮށް ނަގުދު ފައިސާ ނެގޭގޮތަށް ފޮނުވިދާނެއެވެ. މިއީ ފައިސާ ލިބޭ ފަރާތް ދިރިއުޅެމުންދާ ގައުމުގައި ލިބޭ ހިދުމަތަށް ރިއާޔަތް ކޮށްފައެވެ.

މި ހިދުމަތާއި ގުޅިގެން އުރީދޫގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދް އަލް- ހަމާދީ ވިދާޅުވީ ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ވިޔަފާރިވެރިން އަދި ދުނިޔޭގެ އެކި ހިސާބުގައި އުޅޭ ދިވެހި ކިޔަވާކުދިންނަށް ބޭނުންވެފައިވަނީ އަވަސް، ފަސޭހަ އަދި ރައްކާތެރި ހިދުމަތެއް ކަމަށެވެ.

އަދި މި ޑިޖިޓަލް ހިދުމަތުގެ ސަބަބުން މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ލުޔެއް ލިބިގެން ދާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ.

މީގެ އިތުރުން މި ހިދުމަތް ދިނުމުގައި މަނީގްރާމް ފަދަ ތަޖުރިބާކާރު ކުންފުންޏަކާއެކު ކުރިއަށް ދިޔުމަކީ ކަސްޓަމަރުންނަށް ދެވޭ ހިދުމަތް އެންމެ ރަގަޅަށް ދިނުމުގައި މަގުފަހިވާނެ ކަމެއް ކަމަށާއި ދިވެހިން އަދި ދިވެހިރާއްޖޭގައި ޑިޖިޓަލް މާލީ ޚިދުމަތްތައް ކުރިއަރުވާ، މި ޚިދުމަތްތަކަކީ އެންމެނަށް ފަސޭހަކަމާއެކު ލިބޭ ޚިދުމަތްތަކަށް ހެދުމަށް އަބަދު ވެސް އުރީދޫއިން ދާނީ މަސައްކަތްކުރަމުން ކަމަުގައި ވެސް ޚާލިދު ވިދާޅުވިއެވެ.

މަނީގްރާމް ރީޖަނަލް ހެޑް، ދެކުނު އޭޝިއާ ނަވީދު އަޝްރަފް ވިދާޅުވީ އުރީދޫ އާއެކު މިވެވުނު އެއްބަސްވުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާއިލާ އަދި ރައްޓެހިންނަށް ފައިސާ ފޮނުވުމުގައި ކަސްޓަމަރުންނަށް ފަސޭހަ އަދި ރައްކާތެރި މަގެއް ހުޅުވުގެންދިޔައީ ކަމަށެވެ.

މަނީގްރާމް އަކީ ފިންޓެކް އިނޮވޭޝަންގައި ވަރުގަދަ، ކަސްޓަމަރުންނާއި ގާތުން މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ. މްނީގްރާމްގެ ޒަމާނީ ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ އެންމެ ކުޅަދާނަ ކުންފުނިތަކާއެކު މާލީ ޚިދުމަތްދިނުމުގެ މަސައްކަތުގައި ކުރިއަށްދަމުންނެވެ.

އުރީދޫ އަށް ލައިސަންސް ލިބުމާއެކު، އިންޓަރނޭޝަންލް ޕާޓްނަރުންނާއެކު ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަރާތަކަށް ވެސް، އެމް-ފައިސާގެ ހިދުމަތް، އިންޓަނޭޝަނަލް މަނީ ޓްރާންސްފަރގެ ޚިދުމަތާއެކު ބޭނުންކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ކަސްޓަމަރުންނަށް އީޖާދީ މާލީ ހިދުމަތްތައް ފޯރުކޮށްދީ ރާއްޖޭގެ ލިބެމުންދާ ޑިޖިޓަލް މާލީ ހިދުމަތްތައް އިތުރު ފުރިހަމަ ކަމާއެކު ދިވެހީންނަށާއި ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގައި އުރީދޫ ދެމިތިބޭނެ ކަމުގެ ޔަގީންކަން އެކުންފުނިން އަރުވައެވެ.