އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން ގައުމީ އެއާލައިނަށް ދައްކަން ޖެހޭ ފަސް މިލިއަނަށްވުރެ ގިނަ ފައިސާ ނުދައްކާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުގެ އެމްޑީ، އިބްރާހީމް އިޔާސް މިރޭ ”އަސުރަށް“ ވިދާޅުވީ، މި މައްސަލަ ކޯޓާއި ހަމައަށް ގެންދަން ޖެހުނީ އެހެން ގޮތެއް ނެތިގެން ކަމަށާއި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުތަކަށް އެމްޑީޕީން ޓިކެޓަށް ހަރަދު ކުރި 5.6 މިލިއަން ރުފިޔާއިން އެއްވެސް މިންވަރެއް ދައްކާފައި ނުވާ ކަމަށެވެ.
”މިއަދު އަޅުގަނޑުމެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިން. އިތުރު އެހެން ގޮތެއް ނެތިގެން ހުށަހެޅީ.“ އިޔާސް ވިދާޅުވިއެވެ.
އިޔާސް ވިދާޅުވީ، އަދިވެސް އުއްމީދު ކުރައްވަނީ، އެމްޑީޕީން ފައިސާ ދައްކާނެ ކަމަށް ކަމުގައެވެ.
މިދިޔަ ފަސް އަހަރު ވެރިކަން ކުރި އެމްޑީޕީން ދައްކަންޖެހޭ ފައިސާ ނުދައްކާ ލަސް ކުރަމުން ދާތީ، މޯލްޑިވިއަންއިން މީގެ ދެ މަސް ކުރިން ވެސް މި މައްސަލައިގައި ކޯޓަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު އެ ޕާޓީއަށް ދީފައިވެއެވެ.
މިގޮތުން މީގެ ދެ މަސް ކުރިން އެމްޑީޕީން މޯލްޑިވިއަން އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ ޕާޓީން ޗާރޓަރު ކުރި ފްލައިޓްތަކުގެ އިތުރުން ނަގާފައިވާ ޓިކެޓަށް ދައްކަން ޖެހިފައިވާ ފައިސާގެ އަދަދު 5،629،861 އަށް އަރާކަމުގައެވެ.
އަދި އެ ސިޓީގައި ވަނީ މި ފައިސާއަކީ ހިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭ ދައްކަން އެއްބަސްވެ، އެކުންފުނިން ދީފައިވާ ހިދުމަތްތަކަށްވާ ފައިސާ ކަމަށާއި، އެހެންނަމަވެސް އެކި ފަހަރުމަތިން މި ފައިސާ ދެއްކުމަށް އަންގައިގެންވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ބުނެފައެވެ.