މާލޭގެ އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފަންކާތައް ވަގަށް ނަގާކަން މިސްކިތްތަކުގެ ސީސިޓީވީ ފްޓޭޖްތަކުން ފެންނަން ފެށުމުން ފުލުހަށް ރިޕޯޓު ކުރުމާއެކު އެމީހާ ހައްޔަރު ކޮށްފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ، ހައްޔަރު ކުރި ދުވަހުވެސް އޭނާގެ އަތުގައި ވަގަށް ނަގާފައި ވާކަމަށް ބެލެވޭ ފަންކާއެއް އޮތް ކަމަށެވެ.

އަދި މި މައްސަލައިގެ ތަހުގީގު ގައި ފުލުހުން ކުރަމުން ދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައި ވަނިކޮށް މިހާރު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެގޮތުން ވަގަށް ނަގާފައިވާ 6 ފަންކާއެއް އެކި ދުވަސްމަތިން ފުލުހުން ހޯދި ކަމަށް ބުނެފައި ވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭޕްރީލް 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.