ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދުވެލީގައި މަސައްކަތް ކުރައްވާނެ ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ގޮވާލައްވައިފިއެވެ.
ރައީސް މުއިއްޒު ޓެގް ކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންއިރު ގައުމު އޮތީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަނގުރޫޓުވެ، އިނދަޖެހުމާއި ގާތުގައި ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް ފަރާތްތަކުގެ އަމިއްލަ އެދުމާއި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރައްޔިތުންގެ ލާބައަށް ކަންކަން ކުރުމަށް ހަދަންޖެހޭ އެތައް ގާނޫނަކާ ގާނޫނުތަކަށް ގެންނަންޖެހޭ އެތައް އެތައް އިސްލާހެއްގައި އޮތީ މަރުތަޅު އަޅުވާފައި ކަމަށް ވެސް ވިދާޅުވިއެވެ.
”މި ހާލަތުން އަރައިގަތުމަށްޓަކައި ކުރަން އޮތް އެންމެ ބޮޑު ގައުމީ މަސައްކަތަކީ ލޯނުތައް ރިސްޓަރަކްޗަރ ކުރުމާއި މާލީ ނިޒާމު އިސްލާހުކޮށް، ގާނޫނީ އޮނިގަނޑު މެދުވެރިކޮށް ހެޔޮބަދަލުތައް ގެނައުން. އެއާއިއެކު ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، މާލެއަށް ބަރޯސާނުވެ އަސާސީ ބޭސްފަރުވާކުރެވޭނެ ނިޒާމެއް ގާއިމްކޮށްދީ، ފަޚުރުވެރިކަމާއިއެކު އާމްދަނީ ހޯދޭނެ މަގުތައް ކޮށައިދިނުން. މިކަން ކުރެވޭނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އަގަކާނުލައި ހެޔޮ ހިތުން ސަރުކާރަށް ތާއީދުކުރާ، ގައުމީ ލާބައަށްޓަކައި ސަރުކާރާއިއެކު، ރައީސް ޑރ. މުއިއްޒުގެ ދުވެލީގައި މަސައްކަތް ކުރައްވާނެ ކެނޑިޑޭޓުންނަށް ދީގެން.“ ފަހުމީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމީ މަސްލަހަތު އިސްކުރައްވައި ސަރުކާރު ބާރުވެރި ކުރުވައި، ގައުމީ މި މަސައްކަތުގައި ހުރިހާ ދިވެހިން އެކުގައި އެއްބައިވަންތަކަމާއިއެކު ކުރިއަށްދާން ޖެހޭ ކަމަށެވެ.
ރައީސް @MMuizzu ވެރިކަމާ ހަވާލުވެވަޑައިގެންއިރު ޤައުމު އޮތީ އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބަނގުރޫޓުވެ، އިނދަޖެހުމާއި ގާތުގައި. މަޖިލީހުގެ މެޖޯރިޓީ އޮތް ފަރާތްތަކުގެ އަމިއްލަ އެދުމާއި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރައްޔިތުންގެ ލާބައަށް ކަންކަން ކުރުމަށް ހަދަންޖެހޭ… pic.twitter.com/0jUqXTv6Zp
— Hussain Fahmy (@u09HussainFahmy) April 2, 2024
ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދީ، ސަރުކާރަށް އެއްބާރުލުން ދޭން ރައީސް ފަހުމީ އިލްތިމާސް ކުރެއްވިއިރު، ރައީސް މުއިއްޒު ވެސް ވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅުތަކެއް ފުއްދުމަށްޓަކައި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާކަން ހާމަ ކުރައްވާފައެވެ.
