އެއަރ އެމްބިއުލަންސްގެ ހިދުމަތް ފެށިތާ ފުރަތަމަ މަސްދުވަހު އެކަނިވެސް 66 ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

Ads by Asuru

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި އެކަމަށް ހާއްސަކޮށްގެން ސަރުކާރުން ވީ ވައުދާ އެއްގޮތަށް އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މިދިޔަ މާޗް މަހުގެ 1 ވަނަ ދުވަހުއެވެ.

މި ދަތުރުތަކުގައި ބޭނުންކުރަމުން އަންނަނީ މެޑިކަލް އިވެކުއޭޝަންގެ ހިދުމަތަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ DHC-8-200 މަރުކާރުގެ އެއަރ އެމްބިއުލާންސް ހިދުމަތަށް ހާއްސަ ބޯޓުތަކެވެ. 24 ގަޑިއިރު ދެވޭ ހިދުމަތެއްގެ ގޮތުގައި މި ހިދުމަތް ހަމަޖައްސާފައިވާއިރު މި ހިދުމަތަށް މޯލްޑިވިއަންގެ ސީޕްލޭން ބޭނުންކުރަން ފަށާފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.

މޯލްޑިވިއަން އިން މައުލޫމާތުދޭ ގޮތުގައި ސީޕްލޭންގައި އިމަޖެންސީގައި ފުރަތަމަ ފަހަރަށް މީހަކު އުފުލާފައިވަނީ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ.

އެ ދެ ބޯޓުވެސް މޯލްޑިވިއަން އިން އޮޕަރޭޓް ކުރާއިރު، އިމަޖެންސީ ހާލަތުގައި ވެސް ބަލި މީހާއަށް ފަރުވާ ދޭން ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ވަނީ ގާއިމްކޮށްފައެވެ. އަދި މި ދަތުރުތަކުގައި ހިދުމަތް ދިނުމަށް ހެލްތު މިނިސްޓްރީން ވަނީ 15 ސިއްހީ ހިދުމަތްތެރިން ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.

ކުއްލި ހާލަތްތަކުގައި މީގެ ކުރިން ބަލި މީހުން އުފުލުމުގެ ދަތުރުތައް ކުރަމުން އައީ މޯލްޑިވިއަންގެ ޝެޑިއުލް މަތިންދާ ބޯޓުތަކުގައާއި އެމްއެންޑީއެފްގެ އެހީގައި ހެލިކޮޕްޓަރުގައެވެ.

ދިވެހިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ.

އެމަނިކުފާނުގެ ތަސައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއަރ އެމްބިއުލާންސްގައި ފަސޭހައިން ބަލި މީހުން އުފުލާ އަދި ރާއްޖޭގެ އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީއާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ. އެ ގައުމުތަކަށްވެސް އެއަރ އެމްބިއުލާންސްގައި ބަލި މީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.