ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ފިތުރު އީދަށް ރާއްޖެ އިސްލާމީވަންތަކޮށް ޒީނަތްތެރި ކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ހުޅުމާލެ ޒީނަތްތެރި ކުރަން ފަށައިފިއެވެ.
އެޗްޑީސީން ބުނި ގޮތުގައި، ފިތުރު އީދުގެ މުނާސަބަތުގައި އީދުގެ ރޫހު ދައްކުވައިދޭ ފަދަ ބޮޮކިތަކުން ހުޅުމާލެ ޒީނަތްތެެރި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ކުރިއަށް އޮތް ފިތުރުއީދަށް އިސްލާމީވަންތަ ލައިޓްތަކާއި އެކު ރާއްޖޭގެ ރަށްތައް ޒީނަތްތެރި ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ، މި އަހަރުގެ ފިތުރު އީދުގައި ރާއްޖޭގެ ހުރިހާ ސިޓީތަކަކާއި އަތޮޅު ކައުންސިލް އިދާރާ ގާއިމުވެފައިވާ ރަށްތައް ޒީނަތްތެރި ކުރެވިގެންދާނެ ކަމަށާއި، ޒީނަތްތެރިކުރުމަށް ބޭނުންކުރާ އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓްތަކުގެ އިތުރުން، ތަކުބީރުތަކުގެ އަޑު އެ ރަށްތަކަށް ދިރުން ލިބިގެންދާނެ ކަމަށެވެ.
ހިޖުރީ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހަފްތާގެ ބުދަ ދުވަހެވެ.
