ޝަހާދަތުގެ ދެކަލިމަ ގަބޫލު ކުރުމަށްފަހުގައި، މުސްލިމުންނަށް ދެން އެންމެ މުހިންމު ކަމަކީ، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވުމެވެ.
އަންހެން ދަރިފުޅު ކައިރީގައި ނަމާދު ކުރަން، ތަކުރާރުކޮށް ބުނުމުން ވެސް ނަމާދު ނުކުރާ ކަމަށާއި، މި ހާލަތުގައި ދަރިފުޅާމެދުގައި އަމަލު ކުރާނީ ކޮންގޮތަކަށްތޯ، ޝެއިހް އާސިމް އަލް ހަކީމްއާ ސުވާލު ކުރުމުން، ޝެއިހް ވިދާޅުވީ، ނަމާދަކީ ދީނުގެ ތަނބު ކަމަށެވެ.
އަދި މިފަދަ މައްސަލައެއް ދިމާވުމުން، ޣައިރު މުސްލިމެއް ނަމަ، ”އަޅުކަން ކުރުމާ ނުކުރުން އެއީ، އެމީހެއްގެ އަމިއްލަ ކަމެއް“ ކަމަށް ނިންމައި، ދޫކޮށްލިޔަސް، މިއީ އިިސްލާާމް ދީން އެއްވެސް ވަރަކަށް ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
”ނަމާދާއި ނުލައި، އިސްލާމް ކަމެއް ނެތް. ރަސޫލާ(ސ.އ.ވ) ހަދީޘް ކުރެއްވި. އަހަރުމެން(މުސްލިމުން)ނާއި އެމީހުންނާއި(ކާފިރުން) ދެމެދުގައިވާ ތަފާތަކީ ނަމާދޭ. ނަމާދު ނުކުރާ މީހަކީ ކާފަރެއް. އިމާން ނުވާ މީހެއް. އެއްވެސް ގޮތަކަށް ނަމާދު ނުކުރާނީ އީމާން ނުވާ މީހުން. ބައެއް ފަހަރުކޮށް، އަނެއް ބައިފަހަރު ނުކުރާނީ މުނާފިގުން.“
ޝެއިހް އާސިމް އިތުރަށް ވިދާޅުވީ، ކުޑަ ކުދިންގެ އުމުރުން ހަތް އަހަރު ވުމުން، އެ ކުދިން ނަމާދު ކުރުމަށް ރަސޫލާ(ސ.އ.ވ) އެންގެވި ކަމަށެވެ. އަދި އުމުރުން 10 އަހަރުގައި ނަމާދު ނުކުރާނަމަ، ކުއްޖާ ގައިގަ ޖަހައިގެން (އަނިޔާ ނުވާގޮތަށް) ވިޔަސް، ނަމާދު ކުރުވަން އެންގެވި ކަމަށެވެ.
ޝެއިހު ވަނީ، ދަރިން ލައްވައި ނަމާދު ކުރުވުން މުހިންމުވާ ސަބަބު ވެސް ވިދާޅުވެދެއްވައިފައެވެ.
އެއީ އެ ކުދިން ނަރަކައިން ސަލާމަތް ކުރުމެވެ. ޝެއިހް ވިދާޅުވީ، ނަމާދު ކުރުމާ ނުކުރުން އެއީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށް ބުނެ ދޫކޮށްނުލެވޭނެ ކަމަށެވެ.
މިސާލަކަށް މީހަކު އަމިއްލައަށް މަރުވާން އުޅޭނަމަ، އެކަން ކުރުމަކީ، އެމީހަކަށް ލިބިގެންވާ ހައްގެއް ކަމަށް ބުނެ، އެއްވެސް މީހަކު ދުރުގައި ބަލަން އިންނާނެތޯ، ޝެއިހު ސުވާލުކުރެއްވިއެވެ.
ޝެއިހު ވިދާޅުވީ، ދަރިން ލައްވައި ނަމާދު ކުރުވުމަށްޓަކައި، އެކުދިން ހިތްހަމަޖެހޭ ފަދަ ކަންކަމުން ދުރުކޮށް، އަދަބު ދީގެންވެސް، ނަމާދު ކުރުވުމަކީ، މައިންބަފައިން، އަދި ވަކިން ހާއްސަކޮށް، ގޭގެ އެންމެ އިސް މީހާ، ބައްޕަ ކުރުވަން ޖެހޭނެ ކަމެއް ކަމުގައެވެ.
ދަރިފުޅުލައްވައި ނަމާދު ކުރުވުމަށްޓަކައި، ނަމާދުގެ މުހިންމުކަން ދަރިންނަށް ކިޔައިދީ، މައިންބަފައިން ނަމާދަށް އިސްކަންދީ، މިސާލު ދައްކައިދިނުމަކީ، ތުއްތުއިރުން ފެށިގެން ކުރެވިދާނެ ކަމެކެވެ.
މައިންބަފައިން އަބަދު ނަމޫނާދައްކާ ކިޔާހެދިޔަސް މިހާރުކުދިން އެނަމާދުގެ ވަގުތުގައި ނުކުރޭ