އައްޑޫ ސިޓީއާއި ގއ. ކޫއްޑޫއާ ދެމެދު ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މިދަތުރުތައް ފަށާނީ މިއަހަރުގެ އޮކްޓޫބަރު 29 ވަނަ ދުވަހު އެވެ. ކޮންމެ ހަފްތާއަކު ވެސް ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ހޮނިހިރު ދުވަހާއި އަންގާރަ ދުވަހުއެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިދަތުރުތަކުގެ އެންމެ ބޮޑު ބޭނުމަކީ ދެކުނުގެ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކޮށް، އެ ސަރަހައްދުގެ އިގްތިސާދު ވަރުގަދަ ކުރުމެވެ.

ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުތަކުން ގުޅާލުމާ ގުޅިގެން އައްޑޫ ސިޓީގެ ގަމަށް ދަތުރުކުރަމުންދާ ސްރީލަންކަން އެއާލައިންސްގައި ރާއްޖެ އަންނަ ފަތުރުވެރިންނަށް ގއ. އަދި ގދ. އަތޮޅުތަކުގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ދަތުުރުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.