އިޒްރޭލުން ގާޒާގައި ހިންގަމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 33,137 އަށް އަރާފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

Ads by Asuru

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 33,137 އަށް އަރާފައިވާކަމަށާއި، ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 75,815 އަށް އަރާފައިވާކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 46 މީހުން ޝަހީދުވެ، 65 މީހަކު ޒަހަމްވެފައިވާކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

އިޒްރޭލުން ގާޒާގައި ބޮޑެތި ހަމަލާތަކެއް ދޭން ފަށާފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލުގެ ދެކުނުގައި ހަމާސް ޖަމާއަތުން ހިންގި ހަމަނުޖެހުންތަކަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެ ހަމަނުޖެހުންތަކުގައި ހަމާސް ޖަމާއަތުން ވަނީ އިޒްރޭލުގެ ގާތްގަނޑަކަށް 1,200 މީހުން މަރާލާ، 200 އަށްވުރެ ގިނަ މީހުން ރަހީނުކޮށްފައެވެ.