ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ދެއްވައިފިނަމަ، މަޝްހޫރު ހުރިހާ އީ-ވޮލެޓެއް ރާއްޖެއަށް ތައާރަފްކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ. މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީއަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި މަޝްހޫރު ހުރިހާ އީވޮލެޓެއް ރާއްޖެ ގެންނާނެ ކަމަށެވެ.
މެޖޯރިޓީ ތިބޭފުޅުން ދެއްވާ، އަޅުގަނޑުމެންނަށް ދޫކޮށްލާ ބާކީ އޮތް ބައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއޭ، ސިންގަޕޯ، މެލޭޝިޔާ، އިންޑިއާ، ޔޫއޭއީ، މިހެން ގޮސް ހުރިހާ ވަރުގަދަ އީވޮލެޓެއް ރާއްޖެ ގެންނަން ވަރަށް ބާރަށް މަސައްކަތް ކުރަން.
ސައީދު ވިދާޅުވީ އަލިޕޭ އަދި ވީޗެޓް ރާއްޖެއަށް ތައާރަފްކުރުމަށްޓަކައި ރަސްމީ ބައްދަލުވުމަކަށް މި މަހުގެ 14 ގައި އެބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
ސައީދު ވިދާޅުވީ މި ސަރުކާރަކީ ވަކި ބަޔަކާ ގޮސް ޖެހޭނެ ސަރުކާރެއް ނޫންކަމަށާއި ސަރުކާރުގެ އަމާޒަކީ މިގައުމު މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށްކަމަށެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު ޗައިނާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރަށް ދިވެހިރާއްޖެއަށް ދައުވަތުދެއްވާފައި ކަމަށެވެ. އަދި ޗައިނާއާއެކު ކަރަންސީ ސްވަޕް އެރޭޖްމަންޓުގައި ޓްރޭޑް ފެސިލިޓޭޝަންގައި ސޮއިކޮށް، ދިވެހިރާއްޖައަށް ޗައިނާއިން އިމްޕޯޓުކުރާ މުދަލަށް ޔުއާންގެ ބަދަލުގައި ރުފިޔާއިން ފައިސާދެއްކޭނެކަމަށް ސައީދު ވިދާޅުވެއްޖެއެވެ. އަދި އިންޑިއާއިން ގެންނަ މުދަލަށްވެސް ރުފިޔާއިން ފައިސާ ދެއްކޭނެގޮތެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އެކަންތައްތައް ފަހިކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަށާއި، ދިވެހި ރުފިޔާ ޑޮލަރުގެ ކުރިމަތީގައި 30-40 ޕަސެންޓު ވަރުގަދަވެގެންދާނެކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު 15.42 އަށް މުސްތަގުބަލުގައި ދަށަށްދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.