އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށާއި އެ މަޝްރޫއު ނިމޭއިރު 3780 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަންކެޑެ ތަރައްގީކުރަން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކޮމްޕެނީ (އެމްއެފްއެމްސީ) އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގައެވެ. އެތަން ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

މި ޕްރޮޖެކްޓްގައި ޖުމްލަ 1,041 ކޮޓަރި ހިމެނެއެވެ.

މިރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 2080 އެނދުގެ ހަންކެޑެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، އޭގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫއު ނިމިގެންދާއިރު 1980 ވަރަކަށް ސީދާ ޑައިރެކްޓް ވަޒީފާ އުފެދިގެންދާނެ ކަމަށާއި އެއާ ގުޅިގެން އަންނަ އިންޑަސްޓްރީތަކާއެކު އިތުރު 1800 އެއްހާ ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ 2021 ވަނަ އަހަރު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ މި ވާހަކަ ދައްކަވާފައިކަމަށާއި އައްޑޫ ސިޓީ ޓޫރިޒަމް ޒޯނެއްގެ ގޮތުގައިވެސް އޭރު ކަނޑައަޅާފައިވާކަމަށެވެ. އެޔަށްފަހު އޭގެ އެއްވެސް މަސައްކަތެއް އެމްޑީޕީން ކޮށްފައިނުވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރަކުން ވާހަކައެއްގެ ގޮތުގައި ތަރައްގީ ނުބާއްވާނެ ކަމަށާއި މި ސަރުކާރުން ތަރައްގީ ގެނެސްދޭނީ އަމަލީ ގޮތުން ކަމަށެވެ.

ރައީސް ވިދާޅުވީ އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއްގެ ވައުދުވެސް އައްޑޫ ސިޓީއަށް ވެފައިވާނެ ކަމަށާއި، ގާތްގަނޑަކަށް 6000 އެނދުގެ އެ މަޝްރޫއު ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ. އަދި އައްޑޫގައި އަޅާ ބްރިޖާއެކުވެސް ސިޓީއަށް ވަރަށް ގިނަ ކުރިއެރުންތައް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައްޑޫ ރައްޔިތުން ބޭނުންވަނީ އިގްތިސާދީ ތަރައްގީއާއި އިޖްތިމާއީ ކުރިއެރުން ކަމަށެވެ. އަދި އައްޑޫ ބްރިޖަކީ ތަރައްގީގެ ފާލަމެއް ކަމަށާއި އޭގެ ސަބަބުން މުޅި ސިޓީއަށް އަޕްލިފްޓެއް އަންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.