20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިންތިހާބުވެވަޑައިގެން މެމްބަރުންގެ ދައުރު އަދި ނުފެށޭތީ އެ މެމްބަރުން ބޭނުން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ވައިސް ޗެއާމަން އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

Ads by Asuru

ހަބީބް މިފަދައިން ވިދާޅުވީ އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެންނެވި ހަ މެމްބަރަކު ސަރުކާރު ހިންގާ ޕީއެންސީއާއި ގުޅިވަޑައިގެންނެވި ކަމަށް ލިޔެފައިވާ ހަބަރެއް ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ހަބީބް ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގައި ބުނާ ޝަރުތަކުން ކުރެ ޝަރުތެއް އެ 6 ބޭފުޅުންގެ އުނި ނުވާކަމަށާއި އެންޓި-ޑިފެކްޝަން ގާނޫނުގެ 3 ވަނަ މާއްދާގެ (ބ)ގައި ބުނާ ފަދައިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ މެމްބަރަކަށްވެސް ހުވާ ކުރުމުގެ ކުރިން އެ ބޭފުޅަކު ބޭނުންވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މީގެ އިތުރުން ގާނޫނު އަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ޚިލާފަށް، އަދި ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ޤާނޫނަކުން އުންޏެއް ނުކުރެވޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

ރޭ ސޮއި ކުރެއްވި މެމްބަރުންނާއިއެކު، ޕީއެންސީގެ މެމްބަރުންގެ އަދަދު މިވަނީ 72‏އަށް އަރާފައެވެ.

މުލިއާގޭގައި އޮތް ބައްދަލުވުމުގައި، ރޭ ޕީއެންސީއަށް ސޮއި ކުރެއްވި ހަ މެމްބަރުންނަކީ:-

  • ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
  • ހަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަހްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން – ނައިފަރު ދާއިރާ
  • އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ