ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރު ކުރި ދޯނި ހޯދަން އިއްޔެ 6240 މޭލު ސަރަހައްދެއް ބަލައިފިއެވެ.

Ads by Asuru
”AAA-37“ ނަމަކަށް ކިޔާ މުދާ އުފުލާ މި ދޯނިން ހަތަރު މީހުން ދަތުރު ކުރިއެވެ. އެއީ ބަންގްލަދޭޝް ތިން މީހަކާއި ދިވެއްސެކެވެ.

މި ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ހުކުރު ދުވަހުގެ ހަވީރު 17:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ރިސޯޓަށް އެ ދޯނި ފުރީ އެ ދުވަހުގެ ހެނދުނު 6:00 ހާއިރެވެ.

އެ ދޯނި ހޯދުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފް އިން ބުނީ، ތިލަފުށިން ފުރި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދާ އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ކަނޑާއި ވައިގެމަގުން 6،240 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވަނީ މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވިއްސާރަވެ، ވައިގަދަވެ، ކަނޑުތައް ގަދަ ދުވަސްވަރަކަށް ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.