ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Asuru

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ދިން މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި ޖުލައި މަހުގެ 2 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، ކުރިއާ ސާވިސް މެދުވެރިކޮށް އޭނާ ހަވާލުވި ޕާރުސަލް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 20 ކާޓްރިޖް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ ޑްރަގް އެންފޯސްމަންޓުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.