ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާނެއެވެ.
މި އިސްލާހުގެ ބޭނުމަކީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު އިތުރަށް ރައްކާތެރި ކުރުމެވެ.
ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމްވެ ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުމެއް ނުވެއެވެ.
މަޖިލީހުގެ ރުހުން ހޯދަން ޖެހެނީ ހަމައެކަނި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އަސްކަރީ މަރުކަޒެއް އަޅާ ނަމައެވެ.
އިންޑިއާ ސިފައިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައި ވަނީ، އެމްޑީޕީގެ ވެރިކަމުގައެވެ. އެކަން ނިމުމަކަށް ގެނެސް، ސިފައިން ފޮނުވައިލީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ.

