ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވެވަޑައިގަންނަވާ ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލިހުން ފާސްކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބިލު ތަސްދީގު ކުރައްވައިފިއެވެ.
މަޖިލިހުން ފާސްކުރި ބިލުގައި މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ވަނީ ހިމަނައިފައެވެ.
އެއް ކަމަކީ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތެެ. ބިލްގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތަކީ އަމިއްލަ މެމްބަރަކު ޕާޓީއަކާ ގުޅުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާއި އިންތިހާބުވި ޕާޓީން ވަކިވުމާއި ޕާޓީން އެ މީހަކު ވަކިކުރުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ރުހުން ލިބިގެން މެނުވީ ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތަށް ބަދަލު ކުރުމެވެ.
ތިން ވަނަ ކަމަކީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސްގެން ކަމަށް ކަނޑައަޅައި ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ.
އޭގެއިތުރުން ގާނޫނުއަސާސީގައި ރައްޔިތުންގެ ވޯޓަކަށް ދާން ޖެހޭ މާއްދާ އިސްލާހު ކުރާ ނަމަ، ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ވަނީ އިސްލާހު ގެނެސްފައެވެ.
މި އިސްލާހުތައް މަޖިލިހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދެވެ.

