ކުޑަކުދިންގެ މައުލޫމާތު އާންމުކުރާއިރު، އެ ކުދިންގެ ކަރާމާތައި ރައްކާތެރިކަން ނެގެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ބައެއް މީޑިއާ ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުދިންގެ މައުލޫމާތު އާންމުކުރާއިރު، އެ ކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަން އަންނަ ފަދަ މައުލޫމާތާއި ތަސްވީރުތައް އާންމު ކުރަމުން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެ ކަމަށް ސާފްކޮށް ބަޔާންކޮށްފައިވާ ކަަމަށެވެ.
”ނަމަވެސް، ބައެއް މީޑިއާގެ މަންސަތަކުގައި ކުޑަކުދިންގެ މައުލޫމާތާއި ތަސްވީރު، އެ ކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ފަތުރަމުން ދިއުމަކީ އެ ކުދިންގެ މަސްލަހަތު ރައްކާތެރިނުކުރެވި، ކުއްޖާ ނުރައްކަލަށް ހުށަހެޅިދާނެ ކަމެއްކަން ދިވެހި ފުލުހުންގެ ހިދުމަތުން ދެކެމެވެ،“. ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ ފޮޓޯ މީސް މީޑިއާގައި ދައުރުވަމުން ދިއުމަކީ އެ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެކެވެ.
އަދި މީގެ ސަބަބުން ކުދިން އެކި ބަވާތުގެ އަނިޔާތަކަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

