ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮސް، އެކަމުން ލިބޭ ފައިސާ ލޯންޑާކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އިހުސާންގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުންނާއި ދެ ގެއަކާއި ތެޔޮ އުފުލާ ދެ ބާޖު ބަލައިފާސްކޮށް މައްސަލައާ ގުޅުން ހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވާ ކަމަށެވެ.
ނަމަވެސް ތަހުގީގު ކުރިއަށްދާ ވަރަކުން ފުލުހުންގެ ފަރާތުން މައްސަލައާ ގުޅޭ އިތުރު ތަފުސީލު ހާމަކުރައްވާނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، އެފަދަ މައްސަލަތައް ހޯދައި ފުރިހަމައަށް އަދި އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.
ކޮރަޕްޝަނާ ހިޔާނާތުގެ މިފަދަ މައްސަލަތައް، ސަރުކާރުން އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތި ބަލާނެ ކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ.

