ހދ.ކުޅުދުއްފުށި ސިޓީގައި 2000 ފްލެޓު އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އިތުރުން، ކުޅުދުއްފުށީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް ވެސް އެޗްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.

އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ.

އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރުއެވެ.

މިމަޝްރޫއުއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ 2،000 ހައުސިން ޔުނިޓުގެ ތެރެއިން 700 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވަނީ އަމިއްލަ ގޯތި އޮވެ، އެ ގޯތީގައި އޭގެން ޔުނިޓެއް އަޅަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ކަމަށެވެ.

އަދި ބާކީ 1300 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާނީ ޕަބްލިކް ހައުސިންގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފަށަން ވަނީ އަމާޒު ހިފައިފައެވެ.