ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އިދިކޮޅު އެމްޑީޕީން ދެކޮޅުހަދަމުން އަންނަނިކޮށް، އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ އަކްރަމް ކަމާލުއްދީން އެކަމަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަކްރަމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގައި ބޮޑެތި ފައިދާތަކެއް އެބަހުރި ކަމަށް ވިދާޅުވެ، އެ ފައިދާތައްވެސް ހިއްސާކުރައްވާފައެވެ.
އަކްރަމް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނަމަ، ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސް ކުރާ މިންވަރު ކުޑަވުމުން ނުފޫޒުން އެއްކިބާވެ ރައްޔިތުން ބޭނުންވާ މަޖިލީހެއް ނެގުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މަޖިލިސް މެންބަރު ހޮވުމަށް ވޯޓްދޭ ފަރާތަށް، އެ ވޯޓު ދޭ އިރު ވެރިކަމަށް އާންނާނީ ވޯޓް ދިން ކެނޑިޑޭޓު ނިސްބަތްވާ ޕާޓީކަން ނޭނގުމުން މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރެއިން ރައްޔިތު މީހާ ހިތް އެދޭ ފަރާތެއް ހިޔާރުކުރަން ފަސޭހާވާނެ ކަމަށް ބެލެވޭ ކަމަށް އަކްރަމް ވިދާޅުވިއެވެ.
މީގެ އިތުރުން އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ކަމަށާއި، އޭގެ ސަބަބުން ސަރުކާރަށް އެ ސަރުކާރެއްގެ މައިގަނޑު އަމާޒަށް މަސައްކަތް ކުރާނެ މާހުލެއް ގާއިމްވެގެންދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އިންތިހާބުތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގަ އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުހުގެ އަދަދު މަދުވުމުން ކުޑަވެގެން ދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ދެ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވުމުން ކުޑަވެގެންދަނީ އިންތިހާބުތައް ދެ ދުވަހު ބާއްވާނަމަ އިލެކްޝަނުން ކުރާ ހޭދަ އެކަނި ނޫން ކަމަށާއި، އޭގެ ބަދަލުގައި އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވާނެ ކަމަށެވެ. އަދި އެންމެ މުހިންމު އިންތިހާބު ބާއްވާ ދުވަހު ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެހެންކަމުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރެވޭ ކަަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.
އަކްރަމް މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީން އަންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނުމަށް ކެމްޕެއިން ކުރަމުންނެވެ. ނަމަވެސް ކުރީގެ ރައީސުންނާއި މަޖިލީހުގެ ވެސް ރައީސްކަން ކުރެއްވި ބައެއް ބޭފުޅުންގެ އިތުރުން ބަންޑާރަނައިބުކަން ކުރެއްވި ބޭފުޅުންނާއި ސަރުކާރުތަކުގެ އިސް މަގާމުތައް ފުރުއްވި ގިނަ ބޭފުޅުން ވެސް ވަނީ މިކަމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.

