ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނާގާބިލުކަން ހާމަކުރާ އެމްޑީޕީގެ މެމްބަރުންނަށް ސާބަސް ދަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމްޑީޕީގެ ބައެއް ބޭފުޅުން ފަހަކަށް އައިސް މި ސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން އިންތިހާ އަށް ގޮސްފައިވާ ކަމަށް ބުނެ ދައްކަވާ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ތެރޭގައި ދެކެވޭ އެ ވާހަކަތަކަށް އެއްބަސްވެވޭ ކަމަށެވެ.

އަދި އެކަމަށް އެއްބަސްވެވުމަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރުން ނޫން ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ. ޖަމީލު އިތުރަށް ވިދާޅުވީ ރައީސް ސޯލިހަކީ ވައްކަމާ ކޮރަޕްޝަން މެދު އުޑަށް ގެންދެވި ބޭފުޅާ ކަމަށެވެ.

”ނަޝީދަށް ތާއީދުކުރަނީކީ ނޫން. އެކަމަކު އެމްޑީޕީ ތެރޭގައި ރައީސް ސޯލިހަކީ ވައްކަމާއި ކޮރަޕްޝަން މެދުއުޑަށް ގެންދިޔަ ފަރާތްކަމަށް އެ ޕާޓީގެ މެމްބަރުން ބުނުމުން ނަޝީދަށް އިންޒާރުދޭ ފަރާތްތައް އެދުވަހު ހަނު.“ އޭނާ ވިދާޅުވިއެވެ.

ނަޝީދާއި އެ މަނިކުފާނުގެ ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން މިހާރަކަށް އައިސް ގެންދަނީ ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.