ދިވެހިރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައި، މުސްތަގުބަލުގައި ގައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރުމުގައި ޒުވާން ހަތީބުން އަމަލީ ގޮތުން ނަމޫނާ ދައްކައި، ދުލުން ދޭ ނަސޭހަތާއި އަމަލީ ސުލޫކު އެއްގޮތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީހީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ ”ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ“ ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭ އޮތް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އިސްލާމީ ދައުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތައުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން، މި މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫހަށް ލިބުނު ވަރަށް އާ ބާރެެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަދި މިއީ ގައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒުވާނުންގެ ދައުރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިސްލާމީ ތާރީހާއި ދިވެހި ތާރީހަށް ބެލި ކަމުގައި ވިޔަސް ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން ކަމަށެވެ.

މި މޭރުމުން އެމަނިކުފާނު ވަނީ، އިސްލާމީ ތާރީހު ދުށް ޒުވާން ޝަހުސުންގެ ހަނދާނާއި ޒިކުރާ އާކުރައްވާފައެވެ.

ހަމައެއާއެކު، ދިވެހި ތާރީހުގައިވެސް ރާއްޖޭގެ ޢިލްމުވެރީން، ދީނީ އިލްމު ހޯއްދެވުމަށްޓަކައި ތުއްޕުޅު އުމުރުގައި ގާތްތިމާގެ މީހުންނާއި ގައުމު ދޫކުރައްވައި ކުރެއްވި ބުރަ ދަތުރުތަކާއި ވެވަޑައިގެންނެވި ގުރުބާނީތައް، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޢިލްމަކީ ހިކްމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ދީނުގެ އަސާސަކީ މަސްލަހަތު ކަމުގައި ރައީސް ވިދާޅުވިއެވެ.

އިސްލާމްދީން އައިސްފައިވަނީ އިންސާނީ ކަރާމާތް ނަގަހައްޓައި، މުޖުތަމައުގެ އެއްބައިވަންތަކަމާއި، ސުލްހަވެރިކަމާއި އަމާންކަން ދަމަހައްޓަން ކަމަށްވާތީ، ޒުވާން ހަތީބު ތިމާގެ ދުލާއި ގަލަން ހިންގުމުގައި ހިކްމަތްތެރިކަން އިސްކުރުމަށްވެސް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ.