ރާއްޖޭގެ އިމާމުން ހުކުރު ނަމާދާއި ޢީދު ނަމާދު ކުރާ އިރު ރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް ހާއްސަ ހެދުމެއް ނުވަތަ ޑްރެސްލޯޑެއް ތައާރަފު ކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އިލްމުވެރިންނާއި ޚަޠީބުން އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާއިރު ޢާންމުކޮށް ތުރުކުރައްވައި އުޅުއްވަނީ މިޞްރާއި ސައުދީ އަރަބިއްޔާގެ ބޭފުޅުން ތުރުކުރައްވާ ޒާތުގެ ހެދުންކޮޅެއް ކަމަށެވެ.

އެހެންވެ ރާއްޖޭގެ ތާރީޚާއި ސަޤާފަތުގެ މައްޗަށް ބިނާކޮށް އެފަދަ ހެދުންކޮޅެއް އިމާމުންނަށް ފަރުމާ ކުރެވިއްޖެ ނަމަ އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.

”މިހެން ކަމުން އަޅުގަނޑު އެދެނީ މިފަދަ ފޭރާންކޮޅެއް އިމާމުންނަށް ފަރުމާކުރުމުގައި ތާރީޚާއި ސަޤާފަތުގެ ފަންނުވެރިން އެހީތެރިކަން ދެއްވުން.“ މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ މިގޮތައް ފަރުމާ ކުރެވޭ ފޭރާންކޮޅަކަށް މިނިސްޓްރީން ތާއިދު ކުރާނެ ކަމަށެވެ.

”މިފަދަ ފޭރާންކޮޅެއް ފަރުމާކުރުމަށް ހުޅުވާލަން ވެސް ވިސްނަން. އިމާމުވެ ނަމާދު ކުރައްވާއިރު ތާކިހާކޮޅު ވެސް ހިމެނޭހެން ތުރުކުރައްވާނެ ޑްރެސް ކޯޑެއް ރާއްޖޭގެ އިމާމުންނަށް އޮތުމަކީ ރަނގަޅު ކަމެއް.“ މިނިސްޓަރު ވިދާޅުވިއެވެ.

އިމާމުންނަށް ހާއްސަ ހެދުމެއް ފަރުމާ ކުރަން ނިންމާފައިވާ އިރު، ރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ މީހުން ގްރެޖްއޭޝަން ހަފުލާގައި ބޭނުން ކުރާނެ ހާއްސަ ގައުންއެއް ވެސް އިސްލާމިކް މިނިސްޓްރީން މި އަހަރު ތައާރަފުކޮށްފައިވެއެވެ.