ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި ރޭ އިރާކޮޅު ރާއްޖެ ވަޑައިގެންފިއެވެ.
އަންވަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ، ރައީސްއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި، ރަސްމީ އިއްޒަތުގައި މަރުޙަބާ ދެންނެވުން އޮންނާނީ މިއަދުއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރުގެ މި ދަތުރުފުޅުގައި، ރައީސްއާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.
އަދި ދެ ގައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، ދެ ގައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުންވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާނެއެވެ.
މިއީ ނޮވެމްބަރު 2022 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

