ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާއި، އދގެ މުޢާހަދާތަކާއި، ބައިނަލްއަގްވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އުފެއްދި މި ކޯލިޝަނުގައި ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާއާއިއެކު ގާތްގުޅުންތައް ބާއްވާ ގިނަ ގައުމުތަކަކުން ބައިވެރިވެފައިވެއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ މި ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމުން ރާއްޖެއާއި ސައުދީ އަރަބިއްޔާއާއި ދެމެދުގައި އޮތް ގާތް އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ކަނޑުމަގުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން އަދާ ކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި، ދިފާއީ އަދި ވަޠަނީ ހިދުމަތާ ބެހޭ ވަޒީރު، ހަސަން ރަޝީދާއި، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވާފައިވާ ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީގެ އިތުރުން ހާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.