ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ޓިކެެޓު ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިރޭ އަރުވައިފިއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒަށް، ހަވާލުކޮށްދެއްވީ އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.
ޕީއެންސީގެ ކޮންްގްރެސްގެ ތެރެއިން އިއްޔެ ކުރިއަށްދިޔަ ޕީއެންސީގެ މަތީ މަޖިލީހުގެ ޖަލްސާގައި ވަނީ ރިޔާސީ ޕްރައިމަރީއަކާ ނުލާ ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ދޭން ފާސްކޮށްފައެވެ. އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދިނުމަށް އެ ޖަލްސާގައި ގަރާރެއް ހުށަހެޅުއްވީ އެ ޕާޓީގެ އާންމު މެންބަރެއް ކަމަށްވާ އަބްދުﷲ އިބްރާހީމެވެ.
ގަރާރު ހުށަހަޅަމުން އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވައި، ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރައްވައި، ގައުމުގެ މާލީ ދަތިކަމާއި ދަރަނީގެ މައްސަލަތަކަށް ރައްޔިތުންނަށް ދަތިނުވާނޭހެން ހަރުދަނާ އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަންވެސް ގަރާރު ހުށަހަޅަމުން އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، އިގްތިސާދު ސިންދަފާތުކުރުމާއި، ”ޑިޖިޓަލް މޯލްޑިވްސް 2.0“ ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ތައާރަފްކުރެއްވުމާއި، ބޯހިޔާވަހިކަމުގެ ބޮޑު މައްސަލަ އައްލުކުރުމަށް ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ހިންގެވުމުގެ އިތުރުން، ބައިނަލްއަގްވާމީ މައިދާނުގައި އަނިޔާ ލިބެމުންދާ ފަލަސްއީނުގެ ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ވަކާލާތުތައް ވެސް ފާހަގަކުރިއެވެ.
އޭނާ ހުށަހެޅި ގަރާރުގައި ވަނީ، ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

