Advertisement
ރާއްޖެ-ސައުދީ ގުޅުމުގެ އުއްމީދީ އާ ބާބެއް ދަނީ ފެށެމުން: ‏ރައީސް

ރައީސް މިހެން ވިދާޅުވީ، ސައުދީގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ނީވާ ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭގެ ހަފުލާއަށް ވަޑައިގަތުމުން، އެދެކަނބަލުންނަށް މަރުހަބާ ދެންނެވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަހްޔާ ހަސަން އަލް-ގަހްތާނީއެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވަނީ ދިވެހިރާއްޖެއާއި ސައުދީއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި، އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

ދެ ގައުމުގެ ގުޅުމުގެ އަސާސަކީ އެއް އަގީދާއަކާއި، އެއްގޮތް އުސޫލުތަކެއްގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި އިސްލާމީ ވަރުގަދަ އުހުއްވަތްތެރިކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަރައްގީގައި ސައުދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށާއި، ހާއްސަ ގޮތެއްގައި 2004 ގެ ސުނާމީއާ ގުޅިގެން ދެއްވި އެހީތެރިކަމާއެކު މެދުނުކެނޑި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދުގެ ސިޔާދަތުގެ ދަށުން ސައުދީއަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ މައްޗަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އަދި އިގްތިސާދު ސިންދަފާތުކުރުމާއި، އީޖާދީ މަސައްކަތްތަކާއި، ޢުމްރާނީ ތަރައްގީއާއި، ދެމެހެއްޓެނިވި ތަރައްގީގެ ރޮނގުން ސަޢޫދީ ހޯދަމުން އަންނަ ކާމިޔާބީތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، އުމްރާނީ ތަރައްގީއާއި، ބޯހިޔާވަހިކަމާއި، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައިގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން ސައުދީގެ ވުނަކުރުމާއި ތަރައްގީގެ ބައިވެރިވުން ރާއްޖޭގައި ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.

އަދި ރާއްޖޭގައި ވުނަކުރުމުގެ މާހައުލު އިތުރަށް ފަހިކޮށްދެއްވައި، ރާއްޖޭގެ އިގްތިސާދަށް ގެންނަވާ ހެޔޮ ބަދަލުތަކުގައި ސަޢޫދީގެ ވިޔަފާރިވެރިންނާއި ވުނޭރުންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ދެ ގައުމުގެ ގުޅުމުގެތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުން، ’ޗާޓަރ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް‘ ގައި ސޮއިކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި އެކްސްޕޯ 2030 ރިޔާޟްގައި ރާއްޖެއިން ބައިވެރިވުމަކީ ފަތުރުވެރިކަމާއި، ވުނަކުރުމާއި، އީޖާދީ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުސަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.