މި ހިނގާ ސެޕްޓެމްބަރު މަހުގެ މިހާތަނަށް ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓުއަރިޒަމް މިިނިސްޓްރީން އާންމުކޮށްފައިވާ ’މޯލްޑިވްސް ޓުއަރިޒަމް އަޕްޑޭޓްސް‘ ރިޕޯޓްގައިވާގޮތުން، އިއްޔެގެ ނިޔަލަށް މި މަހުގެ މިހާތަނަށް ޖުމްލަ 105,182 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 2.3 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 107,690 ފަތުރުވެރިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,557,439 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާ އަޅާބަލާއިރު 3.6 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ 1,615,607 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ.
އެގޮތުން މިހާތަނަށް ޒިޔާތަރްކުރި ފަތުރުވެރިންގެ 18.8 އިންސައްތައަކީ ޗައިނާ ފަތުރުވެރިންނެވެ. އަދަދުން ބަލާނަމަ އެއީ 287,075 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5,877 ފަތުރުވެރިން ޒިޔާރަތްކުރާއިރު، ތަފާސްހިސާބުތައް ދައްކާގޮތުން، ފަތުރުވެރިން އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.

